Ahlul Haqqu.com

ހައްގައް ނަސްރުދޭށެވެ

އިސްލާމީ ޝަރީޢަތާ ދެކޮޅަށް އުފުލަމުންދާ އަޑުތަކާމެދު ޢަދާލަތު ޕާޓީއިން ނެރުނު ނޫސްބަޔާން

بسم الله الرحمن الرحيم


ޢަދާލަތު ޕާޓީ

މާލެ، ދިވެހި ރާއްޖެ

ނޫސް ބަޔާން

މައުޟޫޢު: އިސްލާމީ ޝަރީޢަތާ ދެކޮޅަށް އުފުލަމުންދާ އަޑުތަކާމެދު

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމުންނާއި، ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ ( ހ) ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމުގައި ބަޔާންވެފައި އޮތުމުންނާއި، އެ މާއްދާގެ ( ށ) ގައި “ދިވެހި ރާއްޖޭގައި އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެކަމުގައި ބަޔާން ވެފައި އޮތުމުންނާއި، ޤާނޫނު އަސާސީގެ 274 ގެ (ހ ) ގައި އިސްލާމްދީނުގެ އަޞްލުކަމުގައި ވަނީ ކީރިތި ޤުރްއާނާއި، މާތް ރަސޫލާ صلى الله عليه وسلم ސުންނަތުގައިވާ ކަންކަމުގެ ތެރެއިން އެކަމެއް ޞައްޙަ ކަމާމެދު ޚިލާފު އުފެދިފައިނުވާ ޝަރުޢީ އުޞޫލުތަކާއި މި ދެއަޞްލުން ދޭހަކޮށްދޭ އުޞޫލުތައްކަމަށާއި، އަދި އިސްލާމީ ޝަރީޢަތްކަމަށް ބުނެފައިވަނީ، ކީރިތި ޤުރްއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަދި ޝަޚްޞީ ޙާލަތްތަކާބެހޭގޮތުންނާއި މި ނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހުލުއްސުއްނަތި ވަލްޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތްކަމަށާއި، ޤާނޫނު އަސާސީގެ 268 ވަނަ މާއްދާގައިވާގޮތުގެ މަތިން ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނު ތައް ހަދަންވަނީ  ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާންވެފައިވާ ގޮތުގެ މަތީން ކަމަށާއި، ޤާނޫނު އަސާސީއާ ޚިލާފުވާގޮތަށް ހެދޭ ކޮންމެ ޤާނޫނަކީ ބާޠިލް އެއްޗެއްކަމުގައި ބަޔާންވެފައި ވުމާއެކު، މިޤާނޫނު އަސާސީން ބާރު ލިބިގެން ދިވެހި ރާއްޖޭގައި ތަންފީޛު ކުރެވެމުންދާ އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަށް ފާޑު ކިޔުމުގެ ޙައްޤެއް އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ.

ކޮންމެ ޤައުމެއްގައި ވެސް ޤާނޫނީ ގޮތުން ހެދިފައިވާ ޖިނާއީ އަދަބުތަކަކީ އެމުޖްތަމަޢުގެ ޘަޤާފަތާއި އުޞޫލުތަކަށް ބުރަވެތިބެ، އެރަޖީމާއެއްގެ ބޮޑުކުޑަމިނަށް ބެލިގެން ހެދިފައިވާ، އަދި ހެދެމުންދާ އަދަބުތަކެވެ. ޚާލިޤުވަންތަ މާތް ﷲ އިންސާނާ ކުރާކުށްތަކާމެދު އެކުށްތައް ހުއްޓުވުމަށްޓަކައްޔާއި ކުށްކުރިމީހާނޫން އެހެންމީހުންގެ ޙައްޤު ރައްކާތެރިކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ވަނީ ޙައްދުތަކެއް ކަނޑައަޅުއްވައި، އެޙައްދުތައް ތަންފީޛުކުރަން އަންގަވާފައެވެ. އަދި އިލާހީ މިޙައްދުތަކަކީ ދުވަހަކުވެސް އެއަށް ބަދަލެއް ނުގެނެވޭނޭ، އަދި އެބަދަލުކުރުމަށް ބޭނުންނުޖެހޭނޭ މަތިވެރި ޙުކުމްފުޅުތަކެވެ.

މިދަނޑިވަޅުގައި ޢަދާލަތު ޕާޓީގެ ފަރާތުން، އިންސާނީ ޙައްޤުތަކުގެ ނަމުގައި އިސްލާމީ ޝަރީޢަތާ ދެކޮޅަށް އަޑު އުފުލަމުންދާ އެންމެހައި ފަރާތްތަކަށް ގޮވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އަށާއި، އިސްލާމް ދީނަށް އިޙުތިރާމްކުރުމަށެވެ. އަދި ޤައުމުގެ ޢިއްޒަތާ ކަރާމަތް ދަމަހައްޓަން ބޭނުން ނަމަ، އަދި ޙަޤީޤީ ކުރިއެރުމާއި ތަރައްޤީއަށް އެދޭނަމަ، އެންމެހައި ދިވެހިން ދީނުގެ އުޞޫލުތަކުގައި ހިފެހެއްޓުމަށެވެ.

ބޭރުގެ ނޫސްވެރިންގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުން ދިވެހިރާއްޖޭގެ ދީނާއި، ޘަޤާފަތާއި، ޤާނޫނު އަސާސީ އަށް އިޙުތިރާމްކުރަންޖެހޭނެއެވެ. އެފަދަ ބަޔަކަށް ރާއްޖޭގައި އުޅުމުގެ ވިސާ ލިބެންވާނީ ވެސް މިބުނެވުނު ހަމަތަކަށް ޙުކުރުމަތްތެރިކޮށް ހިތާނަމައެވެ. މިނޫންގޮތަކަށް ދިވެހި ދިދައިގެ ހިޔަލުގައި ތިބެ، ޤައުމުގެ ވަޙްދަތު ގެއްލުވާލައި، ޤައުމުގެ ސަފުތައް ރޫޅާލަން މަސައްކަތްކުރުމުގެ ޙައްޤެެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ. މިގޮތަށް މަސައްކަތްތަކަށް ކުރާ ބަޔަކާމެދު ކަމާބެހޭފަރާތުން ފިޔަވަޅުއެޅުއްވުމަކީ ޤާނޫނީ ގޮތުން އެފަރާތްތަކުގެ ޒިންމާއެއްކަމުގައި ވެސް މިޕާޓީން ދެކެމެވެ.

ދިވެހިންނަކީ ޒަމާނުއްސުރެން އެންމެހައި އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކުރަމުންދާ ބައެކެވެ. އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދިވެހިރައްޔިތުން ކޮށްފައިވާ ޖިހާދުތަކާއި މިންނެތް މަސައްކަތްތަކަކީ ދިވެހިންގެ ތާރީޚުން ފެންނަން އޮތް ޙަޤީޤަތެކެވެ. އެހެންކަމުން ދިވެހިންނަށް އިންސާނީ ހައްޤުތަށް ކިޔައިދޭން އުޅުމަކީ ދެކޮޅުނުޖެހޭ ކަމެކެވެ.

ދުނިޔޭގެ ބޮޑެތި ބާރު ތަކުން ނިކަމެތި އަންހެނުންނާއި މާބަނޑު މީހުންނާއި ޅަކުދިންނާއި މުސްކުޅިންގެ ބޮލަށް ނުރައްކާތެރި ހަތިޔާރުތަކުގެ ވާރޭ އޮއްސައި، ކުށެއްނެތް  އެތަށް މިލިޔަން އިންސާނުން މަރައި، އެބައިމީހުން ބަނޑަށް ޖައްސަމުންދާއިރު، ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތްތަކޭ ބުނެވޭ ޖަމާޢަތްތަކުން އެކަންކަމާމެދު އެކަންކަމާމެދު އިޙްތިޖާޖުގެ އަޑު ނުއިވެނީ ކީއްވެބާވައެވެ؟ އިންސާނީ ޙައްޤުތަކާ ޖެހެނީ އިސްމީ ޝަރީޢަތުގެ ޙުކުމަކަށް ފާޑުކިޔަންޖެހުމުންބާވައެވެ؟ މިއިން އެނގި ފާޅުވަނީ މިފަދަ ޖަމާޢަތްތަކުގެ އިޚްލާޞްތެރިކަން ނެތްކަމާއި އެތެރޭގައި ފޮރިވިފައިއޮތް ނުސީދާ ސިޔާސަތްތަކެވެ
ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ވާހަކައަކީ މިފަދަ ކޮންމެ މައިދާނެއްގައި ނެގެވޭ މިސާލަކަށް ވާހިނދު، އެފަދަ މުޢާހަދާގައި ކޮންމެ ޤައުމެއް ވެސް ސޮއިކޮށް އެއްބަސް ވެފައިވަނީ އެޤައުމެއްގެ ރައްޔިތުން ތިމާމެންނީ ވަކިޤައުމެއްކަން އަންގައިދޭ ޘަޤާފަތަކާއި ދީނަކާއި ޤާނޫނެއްގެ މައްޗަކަށް ނޫންކަން، އެފަދަ ގޮވުންތައް ގޮވާމީހުންނަށް ހަނދުމަކޮށް ދެމެވެ.

ދިވެހި ރާއްޖޭންވެސް އެފަދަ އެއްވެސް މުޢާހަދާއެއް ޤަބޫލުކުރާނީ ދިވެހިރާއްޖޭގެ ޤާނޫނާއި ޘަޤާފަތާއި ދީނާއި ދިވެހިން ޒަމާނުއްސުރެން ޤަބޫލުކުރަމުން އައިސްފައިހުރި ހަމަތަކުތެ ދަށުންނެވެ.

މާތް ﷲ މިއިސްލާމީ ދީބުގެ އަހުލުވެރިންނަށް އިސްލާމްދީނުގައި ފައިތިލަތައް ސާބިތުކޮށްގެން ތިބުމުގެ ތައުފީޤުދެއްވައި، މުސްލިމުންގެ ޢަޤީދާއާ ކުޅެމުންދާ މިފަދަ އޮއިވަރުތަކުން ލޮބުވެތި ދިވެހި މުވާޠިނުންގެ ފިކުރުތައް ސަލާމަތް ކުރަށްވާށިއެވެ. އާމީން!

ޖުލައި 16, 2009 - Posted by | މުޖުތަމައު

No comments yet.

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: