Ahlul Haqqu.com

ހައްގައް ނަސްރުދޭށެވެ

ދިވެހިންގެ ޢަޤީދާ ބޮއްސުންދިއުން، ތާރީޚްގެ އަލީގައި…

ދިވެހިންގެ ޢަޤީދާ ބޮއްސުންދިއުން، ތާރީޚްގެ އަލީގައި

އަލްއުޚްތު މަރިޔަމް ވަހީދާ

22-06-2009

ދިވެހިންނަކީ މީގެ އެތައް ޤަރުނެއްގެ ކުރިން، އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ލިބިފައިވާ ބައެކެވެ. ޖަޒީރާ ރަށްތަކަކަށް ވުމަކުން، ވަކި އަތޮޅުތަކަކަށް ވުމަކުން، އެބައިމީހުންގެ މެދުގައި ދީނީ ޚިލާފް އުފެދިފައެއް ނެތެވެ. އެކަން އެގޮތުގައި ދެމިއޮތީ الله ތަޢާލާގެ މަތިވެރި ރަޙްމަތްފުޅާ އެކު، އެއިރެއްގައި އޮންނަ ސަރުކާރަކުންވެސް މިކަމަށް ދޭ ޚާއްޞަ ސަމާލުކަމެއްގެ ސަބަބުންނެވެ. ތަޢުލީމީ މީހުންގެ މަދުކަމާއި، ޥަޞީލަތްތަކުގެ ދަތިކަމާއެކުވެސް، ދިވެހި ރަސްކަމުގެ ތަޚްތުގައި ރެނދަލި ކުރެއްވި 93 ރަސްކަލުންނަކީވެސް ދީނީ ކަންކަމަށާއި، ދީނަށް މީސްތަކުން އަހުލުވެރި ކުރެއްވުމަށްޓަކައި މަސައްކަތްތަކެއް ކުރެއްވި ބޭފުޅުން ކަން ތާރީޚުން އެނގެން އެބައޮތެވެ. އެގޮތުން ރާއްޖޭގެ ތާރީޚް ލިޔުއްވި ބޭރުގެ އެކިއެކި މުއައްރިޚުންނާއި ސައްޔާޙުން ފާހަގަ ކުރައްވާ ގޮތުގައި، ދިވެހި ދަޥްލަތުގެ ފަނޑިޔާރުން (20 ވަނަ ޤަރުނުގެ ފަހުކޮޅާ ޖެހެންދެން ދިވެހި ދަޥްލަތުގެ ފަނޑިޔާކުރަން ކުރައްވާފައިވަނީ އެއިރަކު ރާއްޖޭގައި ހުންނެވި އެންމެ ބޮޑު ދީނީ ޢިލްމުވެރިޔާއެވެ) ޤައުމުގެ ސިޔާސީ ދާޚިލީ އަދި ޚާރިޖީ އެންމެހާ ކަންކަމުގެ މައްޗަށް ނުފޫޒު ފޯރުވޭ ފަދަލަޔާޤާތްތެރި ބައެކެވެ. އެހެންކަމުން، އަންޒަމާނުން ފެށިގެންވެސް ފަނޑިޔާރުން ނުވަތަ ދީނީ ޢިލްމުވެރިންނަކީ ދިވެހިންގެ ހިތްތަކުން އިމްތިޔާޒީ މަޤާމެއް ލިބިފައިވާ ބައެއްކަމީ، ދިވެހިންގެ ހަރުމީހުން މިއަދުވެސް ހެކިވާނެކަމެކެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން ހިތާހިތާ ކުރެވޭ ސުވާލަކީ، އެހެންކަމަށް ވާނަމަ އެމަތިވެރި މަޤާމު މިހާރު ކޮބައިބާވައެވެ؟ ޤައުމުގައި ތިއްބެވި ޢިލްމުވެރިންގެ ނަން ގަނެވޭ ހިނދު، އެ އަޑު އަހާ މީހާގެ މޫނު ކުނިވެގެން ދަނީ ކީއްވެބާވައެވެ؟ ނޭނގޭ މީހަކު ބަނދެވިފައިވާ ހޯލި ބޮނޑިއެއް ފަދައިން ދިވެހިންގެ ޢަޤީދާ ބޮއްސުންލައިގެން ދިޔައީ ކީއްވެބާވައެވެ؟ ޖަވާބު ހޯއްދެވުމަށްޓަކައި މާޒީގެ ތެރެއަށް ހިންގަވާށެވެ……!

މުއައްރިޚުން ލިޔުއްވާ ގޮތުގައި، ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުގައި ދިވެހިރާއްޖެ މެދުނުކެނޑި 17 އަހަރު އޮތުމަށްފަހު، މީލާދުން 1573 ގައި އުތީމު މަހާރަދުން އެ އަޅުވެތިކަން ނިމުމަކަށް ގެންނަވައި، ރާއްޖޭގެ ރަސްކަލާ ޙަޥާލުވެވަޑައިގެންނެވިއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، ބައެއްގެ ޢަޤީދާ ބަލިކަށިކޮށްލުމަށް 17 އަހަރަކީ ވަރަށްވެސް އެކަށޭނެ މުއްދަތެކެވެ. އެހެންކަމުން އެތަކުރުފާނު ރަސްކަމާ ޙަޥާލުވެވަޑައިގެން، އެންމެ އިސްކަމަކަށް ހެއްދެވީ ރާއްޖޭގައި ދީނީ ތަޢުލީމު ފެތުރުއްވޭނެ ގޮތްތަކެއް ހޯއްދެވުމަށެވެ. އަދި އެކަން އެދިވަޑައިގެން ގިނަގިނައިން ދުޢާކުރައްވަނިކޮށް، އައްޝައިޚް މުޙައްމަދު ޖަމާލުއްދީ (ވާދޫ ދަންނަކަލޭގެފާނު) ޢަރަބިކަރައިން ތަޢުލީމު ޙާޞިލް ކުރައްވާއިގެން ރާއްޖެ ވަޑައިގެންނެވިއެވެ. އެގޮތުން، އުތީމު މަހާރަދުންގެ ދުޢާ، الله ތަޢާލާ އިޖާބަ ކުރެއްވިއެވެ. ނަމަވެސް މާލޭގައި، ދަޥްލަތުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވުމަކަށް ޖަލާލުއްދީން ރުހިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނުންގެ އެދިވަޑައިގަތުމުގެ މަތީން، ގދ.ވާދޫގައި ހުންނަވައިގެން ދީނީ ޢިލްމު ފެތުރޭނެގޮތް ދަޥްލަތުން ފަހިކޮށްދެއްވިއެވެ. ދަޥްލަތަށް ލަފަޔާއި އިރުޝާދު ދެއްވާނެ ފަނޑިޔާރެއް ތައްޔާރުކޮށްދެއްވުން ޝަރުޠުކުރައްވާފައެވެ. އެގޮތުން ޖަލާލުއްދީންގެ އިސް ދަރިވަރުންގެ ތެރެއިން، އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނަށް ކިޔަވައިދެއްވައި، ދަޥްލަތުގެ ފަނޑިޔާރަކަށް ހެއްދެވުމަށްޓަކައި މާލެ ފޮނުއްވިއެވެ. އެއީ މަޝްހޫރު ނަމުންނަމަ، އައްޑޫ ބޮޑުފަނޑިޔާރު މަނިކުފާނެވެ. މިހާތަނާ ޖެހެންދެންވެސް ރާއްޖޭގައި އެންމެ ގިނަ ފަނޑިޔާރުން އުފެދިފައި ވަނީ މިދެންނެވި އައްޑު ބޮޑު ފަނޑިޔާރު، އަލްޤާޟީ މުޙައްމަދު ޝަމްސުއްދީންގެ ދަރިކޮޅުންނެވެ.

އެހިސާބުން ފެށިގެންވެސް އަދި އޭގެ ކުރިންވެސް ރާއްޖޭގައި ދީނީ ޢިލްމު ފެތުރުމާއި، އަދުލްއިންސާފުގެ އެންމެހާ ކަންކަމުގައި ދަޥްލަތަށް ލަފަޔާއި އިރުޝާދު ދެއްވަނީ އެއިރަކު ރާއްޖޭގައި ހުންނެވި އެންމެ ބޮޑު ދީނީ ޢިލްމުވެރިޔާ ނުވަތަ ދަޥްލަތުގެ ފަނޑިޔާރެވެ. ދިވެހިންގެ ދީނާއި ސިޔާސަތަކީ އެކައްޗެކެވެ. ކަންމިހެން ހިނގަމުން އައިސް ރާއްޖޭގައި ޒަމާނުއްސުރެ ހިންގަމުންއައި ރަސްކަން ޖުމްހޫރިއްޔާތަކަށް ބަދަލުވެ، އެޖުމްހޫރިއްޔާގެ ހިތާމަވެރި ނިމުމާއި ގުޅިގެން، އޭރުގެ ދަޥްލަތުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި އައްޝައިޚް މުޙައްމަދު ޖަލާލުއްދީން (ޝައިޚުލްއިސްލާމް) އެމަޤާމުން ދުރުކުރެއްވުން ވެގެން ދިޔައީ، 800 އަހަރުވެފައިވާ ދިވެހިންގެ އިސްލާމީ ކިއްލާގައި އެޅުނު ފޫނުބެއްދުނު ރެނދެއްކަމުގައެވެ. އެހިސާބުން ދިވެހި ދަޥްލަތާއި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ދެމެދު “ހުރަހެއް” އުފެދުނެވެ. ޢިލްމުވެރިންގެ ލަފަޔަކާނުލައި ދަޥްލަތުގެ މުހިއްމު ނިންމުންތައް ނިންމެން ފެށިއެވެ. އޭގެ މޭވާއެއްގެ ގޮތުން، އިނގިރޭސި ދަޥްލަތުގެ ފުރަތަމަ ދީލަތި އެހީ، “ޢަޠިއްޔަތުއްރަޙްމާން” ގެ ކެހިވެރި ނަމުގައި ދިވެހިންނަށް ލިބުމަށެވެ. ނަމަވެސް ދީނީ ޢިލްމުވެރިން މަޑުމަޑުން އެކަހެރިވާން ފެށިއެވެ.

ދެން އައީ އަނެއްކާވެސް ހިތާމަވެރި ދުވަސްތަކެކެވެ. ދީނުގެ ނަމުގައި ދިވެހިންގެ ފިކުރުތައް ފަސާދަވެ، ބައެއްގެ ވެރިކަން ނެގެހެއްޓުމަށްޓަކައި ދިއްކުރެވޭ އައްޑަނައެއްގެ ގޮތުގައި ދީން ބޭނުންކުރި ދުވަސްވަރެކެވެ. ބޭރުން ކިޔަވައިގެން ރާއްޖެ އަންނަ ކޮންމެ ދީނީ ޢިލްމުވެރިއަކު، ހަތް ފެނާއި ހަތް ލޮނަށް ލައިގެން ވިހަ ލަގޮނޑި މީރުކުރާހެން ޖަލަށް ލައި އަނިޔާކޮށް، ވެރީން ބޭނުންވާ ގޮތަށް “ދީނީ މަޢުލޫމާތު ދޭ” ބަޔަކަށް ހެދިއެވެ. އެއިން މީހަކަށް ޖަލުން ނިކުމެވެނީ، ދޮގު ތެދުމަކަށް، ބާޠިލް ޙައްޤުކަމަށް ލޮލުން ބޮލުން އިޢްތިރާފު ވުމުންނެވެ. އަދި އެވަރުންވެސް ފުއްދާނުލައި، އެމީހުންނަކީ “ފާރަލެވޭ” ބައެއްގެ ގޮތުގައި ބްލެކްލިސްޓް ކުރެވުނެވެ. އެގޮތާއި ނުރުހުނު މަދު ބަޔަކު، ޖަލުން ގެންދެވުނީ ސަޙަރާއަށެވެ. އެމަންޒަރު އަމަށުންތިބި މީހުންނަަށް ފެނުމުން އެމީހުންނަށް ޤަބޫލުކުރެވުނީ، ޙައްޤުބަސް ބުނުމަކީ ބަޑިބޭހާ ކުޅުންފަދަ ނުރައްކާތެރި ކަމެއްކަމުގައެވެ. އެކަމާ ގަންނާކުރައްވާ ބިރުން ތިމަތިމާމެންގެ ޙާލު އަނބިމީހާއާވެސް، ކޮންމެކޮންމެ ވާހަކައެއް ނުދެއްކި، “ތައްބައްދަން” ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް މަޖުބޫރުވިއެވެ. ނަތީޖާއަކަށްވީ ދީނާއި ސިޔާސަތު ހަތުރުންނަށްވެ، އިސްލާމްގެ ނަންބޯޑު ޖަހައިގެން، އެކަމަކު އެމީހަކު ހިތާވާ ހިސާބެއްގައި އިންޖަހައި، އެ އިމުގެ ތެރޭގައި ދިވެހީން އެމީހުންގެ ދިރިއުޅުން ބައްޓަންކުރަން ފެށުމެވެ. މިއަދު އަޅުގަނޑުމެންގެ ތެރެއިން މިފެންނަ “ވަކަރުގޭ” ކުދިންނާއި، “ހަކުރުބޯ” ކުދިންނަކީ އެ އިމުގެ ތެރެއިން ފައިދާވި ދަރިންނެވެ. މިބަހުގެ ތެދުކަން ފުލުހުންގެ ތަފާސް ހިސާބުތަކުންނާއި، ކުށްވެރިންގެ އެވްރެޖް ޢުމުރުން ތިޔަބޭފުޅުންނަށް ޔަޤީން ކުރެއްވޭނެއެވެ. މި ދަންނަވާލެވުނީ ދިވެހިންގެ ޢަޤީދާ ބޮއްސުން ދިޔަގޮތެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ހަމައެކަނި ތިމާގެ ދަރިފުޅު ޑްރަގް އެޑިކްޓް ވީމާ ނުވަތަ، ޒުވާން އަންހެން ދަރީގެ އޮރިޔާން ފޮޓޯއެއް އިންޓަރނެޓްގައި ޝާއިޢު ކުރީމާ، ނުވަތަ ބޮޑު މުޞީބާތަކުން ސަލާމަތް ނުވެވިގެން ލަފާ އަހާ ބައެއް ކަމުގައި ދީނީ ޢިލްމުވެރިން ނުހައްދަވާށެވެ! އެހިސާބަށް ނުދަނީސް، އެކުދީންގެ ތަޢުލީމީ މަންހަޖު އިޞްލާޙުކުރުމަށާއި ސުލޫކީ މިންގަނޑު އެކަށައެޅުމައްޓަކައިވެސް، ދީނީ ޢިލްމުވެރިންނަށް ފުރުޞަތު ދެއްވާށެވެ! ޤައުމުގެ ޒުވާން ޖީލުގެ ސާޅީސް އިން  ސައްތަ އަމަލުވާ ތަކެތީގެ އަސީރުންނަށްވެފައި ވާއިރު، އަމަށުންތިބި ކުދިން އެމަގުން ދިޔަނުދިނުމަށްޓަކައި ދޮން ފަރަންޖީންގެ ކުރިއަށް ޢިލްމުވެރިން ނެރުއްވާށެވެ! ދަޥްލަތުގެ ބައިތުލްމާލުން ވަކިވަކި ފަރުދުންނަށް ބައި އެޅުމުގެ ބަދަލުގައި އެންމެންނަށް ހަމަހަމަކަމާއެކު އެކަން ކޮށްދޭނެ ބަޔަކަށް އެފަދަ މަޤާމްތައް ދެއްވާށެވެ! މީސްމީހުންގެ ގެދޮރާއި މުދާ ލޫޓުވައި، އިންސާނުންގެ ލޭ ޙައްޤަކައި ނުލައި އޮހޮރުވުން ހުއްޓުވުމަށްޓަކައި، ކުށެއް ނެތި އޮހޮރުވާ ލޭގެ ޙުކުމް ދަންނަ ބަޔަކަށް ޤާޟީކަން ދެއްވާށެވެ! ދިރިއުޅުމުގައި ދިމާވާ ދެރަ ގޮތަކުން ކުފުރު މަރު އިޚްތިޔާރު ކުރުން އެއީ ހައްލެއްނޫންކަން، ޤައުމުގެ ޒުވާން ޖީލަށް ވިސްނައިދިނުމަށްޓަކައި އެކަމަށް އެކަށޭނެ ބަޔަކަށް މުދައްރިސްކަން ދެއްވާށެވެ! ތިމާމެން މި ކުރިމަތިލީ ހަމައެކަނި الله އަށްޓަކައޭ، އިސްލާމް ދީނަށްޓަކައޭ، ބުނިކަމުގައި ވިޔަސް، ދީން ޙިމާޔަތްކުރެވޭނީ ދީން އެނގޭ ބަޔަކަށްކަން ޤަބޫލުކުރައްވާށެވެ. الله ތަޢާލާ ހަތް އުޑުމަތިން އަމުރުކުރައްވަނީ “އަމާނަތްތައް އޭގެ އަހުލުވެރީންނަށް ރައްދުކުރުމަށެވެ”. އެހެނަސް ހިތާމަ ހުއްޓެވެ! މިފަހަރުވެސް އެމަތިވެރި ބަސްފުޅަށް ދިވެހީން މިދެނީ ބީރު ކަންފަތެކެވެ.ހެޔޮ ވެރިކަމެއް ކުރުމަށްޓަކައި އެކުލަވާލި ރައްޔިތުންގެ މަޖިލީހުގައިވެސް، ދީނީ ޢިލްމުވެރިންނަށް ވުރެ ވަޑިންވެސް ގިނައެވެ!!

މިލިޔުމަކީ http://www.raajjeislam.com އިން ނަގާފައިވާ ލިޔުމެކެވެ.

އިސްތިހާރު

ޖޫން 23, 2009 - Posted by | މުޖުތަމައު, ދީނީލިޔުން

No comments yet.

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: