Ahlul Haqqu.com

ހައްގައް ނަސްރުދޭށެވެ

ހީކުރިގޮތެއް ނޫން

ހީކުރިގޮތެއް ނޫން

އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން

https://i2.wp.com/maldives.tourism-srilanka.com/pics/grand-friday-mosque-maldives.jpg

ބައެއްފަހަރު ކަންކަމުގައިމާވަރުގަދައަކަށް ފޯރިނަގާއިރު އެކަމަކީ ހަމަ އެހާ ފޯރި ނަގަން ޖެހޭ ކަމެއްތޯ ބަލާލުމަކީވެސް ނެތް ކަމެއް ނޫނެވެ. އަދި ކަންކަމާހެދި ތިމާގެ މުސްލިމު އަޚައާ މޫނު ކަނޑާއިރު އެކަމަކީ ތިމާއަށްދެދުނިޔޭގެ ގެއްލުމާއި ހަލާކު ކުރިމަތިވާ ފަދަ ކަމަކަށް ވެސް ވެދާނެކަން ހަދާންކުރަން ޖެހެއެވެ. އަދި އެކަމަކީ ތިމާއަށް އެކަމުގެ ހެވާއި ނުބައި ، ރަނގަޅުގޮތާއި ނުރަނގަޅު ގޮތް އޮޅިފައި އޮތް ކަމަކަށް ވެދާނެ ކަމަށް ބަލައި އެކަމުގެ ޙަޤީޤަތް ސާފުކުރުމަކީވެސް ނެތްކަމެއް ނޫނެވެ. އެހެނީ ނޭނގި ހުރެ ނުވަތަ ތިމާއަށް ވުރެ އަނެކާ މާ މޮޅުވާނެކަމަށް ބުނެ އޭނާ ބުނާހާ އެއްޗެއް ޤަބޫލުކޮށް ނުވަތަ ތިމާމެންގެ ކުރިން އުޅުނު މީހުން ކޮށް އުޅުނު ކަމަކަށް ވާތީ އެގޮތުގައި ދޫނުކޮށް ތޮޅި ޝަހީދުވުމަކީ ބުއްދިވެރިންގެ ގޮތެއް ނޫނެވެ.

މިހާރަކަށް އައިސް ފަތިސް ނަމާދުގެ ޤުނޫތު މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މިހެން މިކަން ވާންޖެހޭ ސަބަބަކީ ޒަމާނުން ސުރެ މިދިވެހި ރާއްޖޭގައި ފަތިސް ނަމާދުގައި ޤުނޫތު ކިޔަމުން އައިސް މިހާރު އެކަމަކީ ނެތް ކަމަކަށްވެފައިވާތީއެވެ. އަދި ދާދި މިދާކަށް ދުވަހާ ޖެހެންދެން މިކަމާބެހޭ ގޮތުން އެއްވެސް މީހަކު ދެއްކި ވާހަކައެއް އަޑުވެސް އަހާފައި ނުވާތީއެވެ. މިހެން ތިއްބައި އާންމުކޮށް ފަތިސް ނަމާދުގައި މިކިޔާ ޤުނޫތު ކިޔުމަކީ ސުންނަތުން ޘާބިތުވާ ކަމެއް ނޫންކަމުގެ ވާހަކަ ދެކެވެން ފެށުމުން އެކަން ޤަބޫލު ކުރަން ބައެއް މީހުންނަށް ފަސޭހަ ނުވީއެވެ. އެމީހުންނަށް ވާނީވެސް ހަމައެހެންނެވެ. ޒަމާނުންސުރެ ކުރަމުން އައިކަމެއް ހުއްޓާލުމަކީ މީހުންނަށް ޤަބޫލުކުރަން އެހާ ފަސޭހަކަމަކަށް ނުވެ ހިނގައިދާނެއެވެ. އަދި ހަމައެހެންމެ މިހެން މިވާހަކަ ދެކެވެން ފެށުމުން މީހުންގެ ހިތުގައި ތަފާތު ސުވާލުތައް ވަނީ އުފެދިފައެވެ.

މި ލިޔުމުގައި އަޅުގަނޑު މިބަލާލަނީ މިގޮތުން އުފެދިދާނެ ބައެއް ސުވާލުތަކަށާއި އެސުވާލުގެ ޖަވާބުތަކަށެވެ. އެއީ މާތް ﷲ ގެ ހެޔޮމަގު އިޚްތިޔާރުކުރާ މީހާއަށް ބަޔާންވެގެންވާ ހެކި ބަޔާންކޮށް ދިނުމެވެ. އަދި ބޮޑާވެ ފުރަގަސްދޭ މީހާއަށްވެސް ކަން އޮތް ގޮތް އަންގައި ދިނުމެވެ.

* ފަތިސް ނަމާދުގައި ޢާންމުކޮށް ޤުނޫތު ކިޔުމާއި ދެކޮޅު ހަދަނީ ކީއްވެ؟

ޖ: އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަކީ ވަރަށް ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް ޤާއިމުވެފައިވާ ޙުކުމް ތަކެކެވެ. މިގޮތުން ޝަރުޢުގައި ކަނޑައެޅިފަވާ އަޅުކަމެއް ހުއްދަވަނީ އެކަމެއްގައި ވަކި ޝަރުޠުތަކެއް ހަމަވުމުންނެވެ. ފުރަތަމަ ޝަރުޠަކީ އެއަޅުކަމެއްގައި މާތް ﷲ އަށް އިޚްލާޞްތެރިވުމެވެ. އެކަމަކީ މީހަކަށް ދެއްކުމަށް ނުވަތަ ދުނިޔަވީ ފައިދާއަކަށް ކުރާކަމެއްކަމުގައި ނުވުމެވެ. ދެވަނަ ޝަރުޠަކީ : އެ އަޅުކަމެއް ކުރުމަށް ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ އަންގަވާފައިވާ ގޮތަށް އެ އަޅުކަމެއް އަދާ ކުރުމެވެ. މި ގޮތުން ބަލާއިރު ފަތިސްނަމާދުގައި ޢާންމުކޮށް ޤުނޫތު ކިޔުމަކީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ޞައްޙަ ސުންނަތުން ޘާބިތުވާ ކަމެއް ނޫނެވެ.

ސ: ފަތިސްނަމާދުގައި ޤުނޫތު ކިޔުމަށް ހަމަ އެއްވެސް ރިވާޔަތެއް އައިސްފައެއް ނުވޭތޯއެވެ.

ޖ: ނޫނެކެވެ. ފަތިސް ނަމާދުގައި ޤުނޫތު ކިޔުމަށް ހުރި ބައެއް ރިވާޔަތް އެބަހުއްޓެވެ. ނަމަވެސް އެއިން އެއްވެސް ރިވާޔަތަކީ ޤަބޫލުކުރެވޭފަދަ އިތުބާރުހުރި ގޮތަކަށް އައިސްފައިހުރި ރިވާޔަތެއް ނޫނެވެ. ނުވަތަ އެ ރިވާޔަތްތަކީ އެތަކެތި ނަޤުލުވުމުގައި ޙަދީޘް ޢިލްމުވެރިން އިތުބާރު ނުކުރައްވާ މީހުންގެ ކިބައިން އައިސްފައި ހުރި ޚަބަރު ތަކެކެވެ. ވީމާ ކުރިންވެސް ދެންނެވި ފަދައިން އިސްލާމް ދީނުގެ ހުރިހާ ޙުކުމަކީ ވެސް ވަރަށް އިތުބާރު ހުރި ގޮތަކަށް އައިސްފައިވާ ޙުކުމް ތަކަކަށް ވާތީ މިފަދަ އިތުބާރު ނެތް ގޮތަކަށް އައިސްފައިވާ ޚަބަރަކަށް ޢަމަލުނުކުރެވެނީއެވެ. އަދި ކިއެއްތަ އެކަމާ ޚިލާފަށް އައިސްފައިހުރި ރިވާޔަތްތައް ޞައްޙަވެފައި ވަރުގަދައެވެ.

ސ: މީގެ ކުރިން އައި މީހުންނަށް ތިޔަބުނާ ރިވާޔަތަކީ ޟަޢީފު ރިވާޔަތެއްކަން އެނގިފައި ނެތީހެއްޔެވެ.؟

ޖ: މީގެ ކުރިން އައި ޢިލްމުވެރިންވެސް ވަނީ އެކަން ޞައްޙަވެގެން ނުވާކަމަށް ވިދާޅުވެފައެވެ. މިސާލަކަށް އަލްއިމާމު އަބޫޙަނީފާ އާއި އަލްއިމާމު އަޙްމަދުވެސް ވަނީ ފަތިސްނަމާދުގައި ޢާންމުކޮށް ޤުނޫތު ކިޔުމަކީ ޘާބިނުވާ ކަމެއްކަމަށް ވިދާޅުވެފައެވެ. ބަލަން ބޭނޫންވާނަމަ މިހާރުވެސް އެ ރިވާޔަތްތަކާ ބެހޭގޮތުން ޙަދީޘް ޢިލްމުވެރިން ދައްކަވާފައިހުރި ވާހަކަތައް ޙަދީޘް ފޮތްތަކުން ފެންނަން އެހުރީއެވެ.

ސ: އަހަރުމެންނަކީ ޒަމާނުންސުރެ ވަކި މަޒުހަބަކަށް އުޅެމުން އަންނަބައެކެވެ. އަހަރުމެންގެ މަޒުހަބުގައި އޮންނަނީ މިގޮތެވެ. ވީމާ އަހަރުމެން އުޅެން ޖެހޭނީ މިހެން ނޫންހެއްޔެވެ؟

ޖ : ޝައްކެއްނެތެވެ. އަހަރެމެން އަހުރެމެންގެ ކުރިން އިސްވެ ގޮސްފައިވާ އިމާމުންނަށް އިޙްތިރާމް ކުރަންޖެހޭނެއެވެ. ޢިލްމު އައިސްފައިވަނީ އެބޭކަލުންގެފަރާތްޕުޅުންނެވެ. އެއިން ބޭކަލަކާ ދިމާލަށް ކުޑައިމިސް ބަހެއް ބުނުމަކީ އަހުރެމެންކުރެ އެއްވެސް މީހަކަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެބޭކަލުން މަސައްކަތް ކުރައްވާފައިވަނީ ކީރިތި ޤުރްއާނާއި ސުންނަތުގައިވާ ޙުކުމްތައް މީސްތަކުންނަށް އަންގައިދިނުމަށެވެ. އެއިން އެއްވެސް ބޭކަލަކު ކީރިތި ޤުރްއާނާއި ސުންނަތާއި ޚިލާފަށް އެއްވެސް އެއްޗެއް އެބޭކަލުންނަށް އެނގިވަޑައިގެން ތިއްބަވާ ޙާލު ނުބުނުއްވާނެއެވެ. ނަމަވެސް މުސްލިމެއްގެ ހައިސިއްޔަތުން ޤަބޫލު ކުރަންޖެހޭ ޙަޤީޤަތަކީ  ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ފިޔަވައި ކޮންމެ މީހަކީވެސް އެމީހާ ކުރާ ކަންތަކާއި ބުނާ ބަހުގައިވެސް ކުށަށް ހުށަހެޅުމުގެ ޖާގަ އޮތް މީހެއްކަމެވެ. ޢިޞްމަތު ( ކުށެއް ނުކުރުން ) ލިޔެވިގެން ވަނީ ހަމައެކަނި ނަބީ ބޭކަލުންނަށް ކަމެވެ. އެނޫން ކޮންމެ މީހަކީ ކިތެއްމެ ބޮޑު ޢިލްމުވެރިއެއް ކަމުގައި ވިޔަސް ، ކިތެއްމެ ބޮޑު ތަޤުވާ ވެރިއެއްކަމުގައި ވިޔަސް ކުށްކުރެވޭނެ މީހެކެވެ. ހަމައެހެންމެ ކުށް ބުނެވޭނެ މީހެކެވެ. އަހަރުމެން އެބެކަލުންނަށް ކިތެންމެ ބޮޑަކަށް އިޙްތިރާމު ކުރިޔަސް އެބޭކަލުންނަށް ރަސޫލުބޭކަލުންގެ ދަރަޖަ ދީގެން ނުވާނެއެވެ.އަހަރެމެންގެ އިސްވެ ގޮސްފައިވާ ސަލަފުއް ޞާލިޙުން ވަނީ މި ކަމުގެ ނަމޫނާ ދައްކަވާފައެވެ. ތިރީގައި މިލިޔަނީ މިކަމުގެ ބައެއް މިޘާލެވެ.

1- الإمام أبوحنيفة رحمه الله

( إذا صح الحديث فهو مذهبي ) .

މާނައީ : ” ޙަދީޘް ޞައްޙަނަމަ އެއީ ތިމަންކަލޭގެފާނުންގެ މަޛުހަބެވެ” ( ابن عابدين فيالحاشية

ވޮލިޔުމް ނަމްބަރު :1 / ޞަފްހާ : 63 )

2-الإمام مالك رحمه الله :

( إنما أنا بشر أخطئ وأصيب فانظروا في رأيي فكل ما وافق الكتاب والسنة فخذوه وكل ما لم يوافق الكتاب والسنة فاتركوه )

މާނައީ : ” ތިމަން ކަލޭގެފާނަކީ އިންސާނެކެވެ. ވީމާ ތިމަން ކަލޭގެފާނު ބުނާ ބަސްތަކުގައިވެސް ރަނގަޅާއި ނުރަނގަޅު ހުރެދާނެއެވެ. ފަހެ ތިޔަބައިމީހުން ތިމަންގެ ރައުޔު ބަލާހުށިކަމެވެ! އޭގެތެރެއިން ޤުރްއާނާއި ސުންނަތާ އެއްގޮތްވާ ބަސްތަކުގައި ތިޔަބައިމީހުން ހިފާށެވެ! އަދި ޤުރްއާނާއި ސުންނަތާއި ޚިލާފުވާ ބަސްތައް ދޫކޮށްލާށެވެ! .( ابن عبد البر في الجامع ވޮލިޔުމް ނަމްބަރު : 2 ،ޞަފްހާ : 32 )

( ليس أحد بعد النبي صلى الله عليه وسلم إلا ويؤخذ من قوله ويترك إلا النبي صلى الله عليه وسلم ) .

މާނައީ : ” ކީރިތި ރަސޫލާ صلى الله عليه وسلم ނޫނީ   އެމީހަކު ބުނާ ބަސްތަކުން ބައެއް ޤަބޫލުކުރެވި ، އަނެއްބައި ޤަބޫލުނުކުރެވި ރައްދު ނުކުރެވޭނެ ހަމައެކަކުވެސް ނުވެއެވެ. ” ( ابن عبد البر في الجامع : ވޮލިޔުމް ނަމްބަރު : 2 ،ޞަފްހާ : 91 )

3- الإمام الشافعي رحمه الله :

( أجمع المسلمون على أن من استبان له سنة عن رسول الله صلى الله عليه وسلم لم يحل له أن يدعها لقول أحد )

މާނައީ : މީހެއްގެ ގާތުގައި ސަލާމާއި ޞަލަވާތްލެއްވި ކީރިތިރަސޫލާގެ ބަސްފުޅެއް ޞައްޙަވެއްޖެނަމަ ދެން  އެހެން މީހެއްގެ ބަހަކަށް، (އެއީ ކޮންމެ މީހެއްކަމުގައިވިޔަސް) ، އެބަސްފުޅު ދޫކޮށްލުން އެއްވެސް މީހަކަށް ހުއްދަވެގެން ނުވާކަމުގެ މައްޗަށް މުސްލިމުން އިޖުމާޢުވެގެންވެއެވެ. . ( الفلاني ޞަފްޙާ : 68 )

ޝާފިޢީ މަޛުހަބުގެ އެންމެ މަޝްހޫރު އިލްމުވެރިއެއްކަމުގައިވާ އަލް އިމާމުއްނަވަވީ އެކަލޭގެފާނުންގެ އަލްމަޖުމޫޢު އޭ ކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ. : ( إذا وجدتم في كتابي خلاف سنة رسول الله صلى الله عليه وسلم فقولوا بسنة رسول الله صلى الله عليه وسلم ودعوا ما قلت ) .

މާނައީ : ތިމަންގެ ފޮތުގައި ސަލާމާއި ޞަލަވާތްލެއްވި ކީތިރި ރަސޫލާގެ ސުންނަތާ ޚިލާފަށް  ކަމެއްގެ ޙުކުމް ބުނެވިފައިވާނަމަ ފަހެ ތިޔަބައިމީހުން ތިމަންގެ ބަސް ދޫކޮށްލާށެވެ! އަދި ޞަލަވާތްލެއްވި ކީތިރި ރަސޫލާގެ ސުންނަތުގައި ހިފާށެވެ! ( وفي رواية ( فاتبعوها ولا تلتفتوا إلى قول أحد ) އެހެން ރިވާޔަތެއްގައި ވެއެވެ. ފަހެ ތިޔަބައިމީހުން ކީރިތި ރަސޫލާގެ ސުންނަތަށް ތަބާ ވާށެވެ! އަދި އެހެން އެއްވެސް މީހެއްގެ ބަހަކަށް ނުބަލާށެވެ! ” . ( النووي في المجموع : ވޮލިޔުމް ނަމްބަރު :1 / ޞަފްހާ : 63 )

އަލް އިމާމުއްނަވަވީގެ އެހެން ބަސްފުޅެއްގައި ވެއެވެ. ( إذا صح الحديث فهو مذهبي ) މާނައީ : ” ޙަދީޘް ޞައްޙަނަމަ އެއީ ތިމަންކަލޭގެފާނުންގެ މަޛުހަބެވެ”. ( النووي ވޮލިޔުމް ނަންބަރު :ޞަފްހާ : 63 )

الإمام الشافعي رحمه الله :

ގެ އެހެން ބަސްފުޅެއްގައިވެއެވެ. ( كل مسألة صح فيها الخبر عن رسول الله صلى الله عليه وسلم عند أهل النقل بخلاف ما قلت فأنا راجع عنها في حياتي وبعد موتي ) .

މާނައީ : ތިމަން ބުނި ބަހަކާއި ޚިލާފަށް ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ކިބައިން އެއްވެސް ޚަބަރެއް ޞައްހަވެފައިވާނަމަ ، ތިމަންގެ ޙަޔާތުގައިވެސް އަދި މަރުވުމަށް ފަހުވެސް އެބަހަކުން ތިމަން ރުޖޫޢަވަމެވެ” ( أبو نعيم في الحلية : ވޮލިޔުމް ނަމްބަރު :9 ޞަފްހާ : 107 )

4-الإمام أحمد بن حنبل رحمه الله

( من رد حديث رسول الله صلى الله عليه وسلم فهو على شفا هلكة ) މާނައީ : ” ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ޙަދީޘެއް ރައްދުކޮށްފިމީހާ

ވަނީ ހަލާކެއްގެ ތުންފަތް މަތީގައެވެ. . ( ابن الجوزي في المناقب (ޞަފްޙާ: 182 )

އިސްވެދިޔަ ވާހަކަތަކުން އެނގި ފާޅުވެގެން އެދިޔައީ މީހަކު ކިތެންމެ ބޮޑު ޢިލްމުވެރިއަކަށްވިޔަސް ކުށެއް ބުނެވިފައި އޮވެދާނެކަމެވެ. ރަނގަޅުގޮތް ޘާބިތުވެއްޖެނަމަ އެގޮތަށް  ރުޖޫޢަވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއްކަމެވެ. އަދި އެއްވެސް މީހެއްގެ ބަހަށް ނުވަތަ ތިމާމެންގެ ކާބަފައިން އުޅުނުގޮތޭ ކިޔާފައި ކީރިތި ރަސޫލާގެ ފަރާތްޕުޅުން ޞައްހަވެފައިވާ ޚަބަރު ދޫކޮށްލައިގެން ނުވާނެކަމެވެ.

عن أبي مالك الأشجعي قال قلت لأبي يا أبة إنك قد صليت خلف رسول الله صلى الله عليه وسلم وأبي بكر وعمر وعثمان وعلي بن أبي طالب ها هنا بالكوفة نحوا من خمس سنين أكانوا يقنتون في الفجر قال أي بني محدث

މާނައީ : އަބޫމާލިކުލް އަޝްޖަޢީގެ ކިބައިން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ.” ތިމަންގެ ބައްޕައަށް ތިމަން ދެންނެވީމެވެ.” އޭ! ބައްޕާއެވެ! ބައްޕަ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ފަހަތްޕުޅުގައި ނަމާދުކުރެއްވީމުނޫންހެއްޔެވެ؟ އަދި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ، ޢުޘްމާނުގެފާނާއި އަދި ޢަލީގެފާނުންގެ ފަހަތްޕުޅުގައި މިތަނުގައި ފަސް އަހަރެއްހާ ދުވަހު ކޫފާގައި ނަމާދުކުރެއްވީމުނޫންތޯއެވެ؟ އެމީހުން ފަތިސްނަމާދުގައި ޤުނޫތު ކިޔާހެއްޔެވެ؟ ވިދާޅުވިއެވެ: އޭ ދަރިފުޅާއެވެ ! ” ބިދުޢައެކެވެ ”  تحقيق الألباني :صحيح ، ابن ماجة ޙަދީޘް ނަމްބަރު :( 1241 )

ސ : އެހެންވީއިރު މިއޮތް ހުރިހާ ދުވަހު އަހަރުމެން ކުރި ނަމާދުގެ ޙުކުމަކީ ކޮބާ ؟

ޖ- މިސާލަކަށް މީހަކު ނަމާދުކުރަން ބެލިއިރު ޤިބުލައަކީ ކޮން ދިމާއެއްކަމެއް ނޭނގުނެވެ. އަދި ޔަޤީންވާނެ އެއްވެސް ގޮތެއް ނެތެވެ. މިފަދަ ޙާލެއްގައި އޭނާ ދުނިޔެމަތިން ފެންނަންހުރި ޢަލާމާތްތަކަށް ބެލުމަށް ފަހު އެންމެ ބޮޑަށް އެއީ ޤިބުލަކަން އޭނައަށް ޔަޤީންވާ ދިމާއަށްހުރެ ނަމާދު ކުރާނީއެވެ.  މިގޮތުގައި ނަމާދުކުރާތާ އެތައް ދުވަހެއް ވީފަހުން ނަމާދު މި ކުރެވެނީ ޤިބުލައަށް ނޫންކަން އެނގިއްޖެއެވެ. މިޙާލަތުގައިވެސް އޭނާ ކުރި ނަމާދު ޞައްޙަވާނެއެވެ. ނަމަވެސް މައްސަލައަކީ ކަންއޮތް ރަނގަޅުގޮތް އެނގުމަށްފަހު ގޮތް ދޫނުކުރުމެވެ.

އޭ ބުއްދީގެ އަހުލުވެރިންނޭވެ!  ލޮބުވެތި ނަބިއްޔާގެ އަރިހުން މިއޮތީ ފަތިސް ނަމާދުގެ ޤުނޫތާއި ބެހޭގޮތުން ޞައްޙަ ޚަބަރު އައިސްފައެވެ. ހުރިހާ މަޛުހަބެއްގެ އިމާމުންވެސް އަދި ޝާފިޢީގެފާނުވެސް އެވިދާޅުވަނީ ތިމަންކަލޭގެފާނުން އަވަހާރަވުމަށް ފަހުގައިވެސް ހަދީޘެއް ޞައްޙަ ވެއްޖެނަމަ އޭގައި ހިފުމަށެވެ. މިހެން މިކަން އޮތްއިރު މިއަދު ޝާފިޢީ މަޛުހަބަށް ތަބާ ވުމަކީވެސް ޝާފިޢީގެފާނު ވިދާޅުވިފަދައިން މި ޙަދީޘްފުޅުގައި ހިފުމެވެ. މިޚަބަރު ނަބިއްޔާގެ ފަރާތްޕުޅުން ޞައްޙަކަން އެނގުމަށް ފަހު އެކަމާ ދެކޮޅުހަދާ މީހާ އެ އިދިކޮޅުހަދަނީ ނަބިއްޔާގެ އަމުރުފުޅަކާއެވެ. ނަބިއްޔާގެ އަމުރުފުޅަކާ އިދިކޮޅު ހެދުމަކީ ދުނިޔެމަތީގައިވެސް އެކަމުގެ އަޛާބު އެމީހަކަށް ދައްކަވާފާނެކަމެކެވެ.

މާތް ﷲ އަޅަމެންނަށް ޙައްޤު، ޙައްޤުގެ ގޮތުގައި ދައްކަވައި އެއަށް ތަބާވުމުގެ ހެޔޮ ތައުފިޤު ދެއްވާށި! އަދި ބާޠިލު ބާޠިލުގެ ގޮތުގައި ދައްކަވައި އެއިން އަޅަމެން ދުރުކުރައްވާށި!އާމީން

މިލިޔުން ނަގާފައި މިވަނީ raajjeislam.com  އިންނެވެ.

މޭ 12, 2009 - Posted by | މުޖުތަމައު, ދީނީލިޔުން, ސުވާލާއި ޖަވާބު

No comments yet.

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: