Ahlul Haqqu.com

ހައްގައް ނަސްރުދޭށެވެ

ސުވަރުގެ ބޭނުންނުވާނީ ފަހެ ކާކުތޯއެވެ ؟

ސުވަރުގެ ބޭނުންނުވާނީ ފަހެ ކާކުތޯއެވެ ؟

އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

07-02-2009

އަހުރެން ވަނީ އެބައިމީހުންގެ ތެރެއިން ކަހަލައެވެ. އެބައިމީހުން އެބައިމީހުންގެ ކައްވަޅުތަކުން އެއްވެސް ބިރަކާނުލައި ތެދުވެއެވެ. އެންމެ ބޮޑުބިރުގެ ހިތާމައެއް އެބައިމީހުންނަކަށް ނުލިބޭހުއްޓެވެ. އަދި މަލާއިކަތް ބޭކަލުން ވިދާޅުވާނެއެވެ. މިއީ ތިޔަބައިމީހުންނަށް ވަޢުދުކުރެވުނު ކަމުގައިވީ ދުވަހެވެ.

އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހުވާކުރައްވާފައި ވިދާޅުވިއެވެ. “ހަމަކަށަވަރުން އެބައިމީހުން އެބައިމީހުންގެ ކައްވަޅުތަކުން ނުކުމެއްޖެހިނދު ފިޔަތަކެއްފަޅައިފައިވާ ހުދުކުލައިގެ ޖަމަލުތަކަކާއި ބައްދަލުވާނެއެވެ. އެޖަމަލުތަކުގެ މަތީގައި ރަނުގެ ސާމާނުތަކެވެ. އެމީހުންގެ ފައިވާންތަކުގެ ވަދުތައް ދަޅައަޅައަޅާހުރި އަލިކަމެއް ކަމުގައިވެއެވެ. އެސޮރު އަޅާ ކޮންމެ ފިޔަވަޅެއް ލޮލުކޮޅަށް ފޯރާފަދައެވެ. އަދި އެމީހުން ގޮސް ނިމޭހުށީ ސުވަރުގޭގެ ދޮރުކޮޅާއި ހަމައަށެވެ.”

އަމާންކަމުގެ ގޮވަތި ހާދަހާވާ ތަނަވަހެވެ. އަދި އެތަނުގެ ވަސް ހާދަހާވާ މީރެވެ. އެތަނުގެ ފުޅާމިން އުޑާއި ބިންފަދައެވެ. އެތަނުގެ ވަސް ސަތޭކަ އަހަރުގެ ރާސްތާއަށް ފޯރައެވެ.

ތަޤްވާވެރީންގެ މިގޮވައްޗަށް އަށް ދޮރުކޮޅުވެއެވެ. ކޮންމެ ދެދޮރުކޮޅެއްގެ ދެމެދު ސާޅީސް އަހަރުގެ ރާސްތާއެކެވެ. މިދޮރުކޮޅުތަކުގެ ތެރެއިން އެއްދޮރުކޯޅަކީ އައްރައްޔާނުއެވެ. އެއީ ރޯދަވެރީންނަށް ޚާއްޞަ ދޮރުކޮޅެވެ. މިދޮރުކޮޅުތަކުގެ ބޮޅުތައް ތައްޔާރުކުރެއްވިގެންވަނީ ރަނުގެ ޕްލޭޓްތަކުގެ މަތީގައި ރަތްކުލައިގެ ޔާޤޫތުންނެވެ.

ސުވަރުގޭގެ ދޮރުކޮޅުކައިރީގައި ވަންނަ މީހާގެ ކަނާތްފަރާތުގައި ނުވަތަ ވާތްފަރާތުގައި ނުވަތަ އޭނާގެ ކުރިމަތީގައި ބޮޑުގަހެއްވެއެވެ. އޭގެ އަޞްލުން ދެއާރުގެ ފެން އަރަމުން ދެއެވެ. އެއިން އެއްއާރު ޚާއްޞަކުރެއްވިގެންވަނީ ވަންނަމީހުން ބުއިމަށެވެ. އަނެއް އާރު ޚާއްޞަކުރެވިގެންވަނީ އެމީހުން ފެންވެރުމަށެވެ.

ހަމަކަށަވަރުން ސުވަރުގެ ވަންނަ އެންމެ ފުރަތަމަ ޖަމާޢަތުގެ މީހުންވާނީ ސާދަވިލޭރޭގެ ހަނދުގެ ސޫރައިގައެވެ. ދެން އެއާއި ޖެހިގެން އަންނަ މީހުން އުޑުގައި ދިއްލިގެންވާ އެންމެ އަލިގަދަ ތަރީގެ ސޫރައިގައެވެ. އެމީހުން ކުޑަކަމަކު ނުދާނެއެވެ. އަދި ބޮޑުކަމަކުވެސް ނުދާނެއެވެ. އަދި އެބައިމީހުންގެ ނޭފަތަކުން އެއްވެސް އެއްޗެއް ނުފައިބާނެއެވެ. އަދި އެމީހުން ކުޅެއްވެސް ނުޖަހާނެއެވެ. އެބައިމީހުންގެ ފުނާތައްވަނީ ރަނުންނެވެ. އަދި އެބައިމީހުންގެ ގައިން އޮހޮރޭ ދަލަކީ ގޮމަކަސްތޫރިއެވެ. އަދި އެބައިމީހުންގެ ދުންމުޖްމަރާ އަކީ އަލުއްވަތެވެ ކިޔުނު ކުމުންޒާންޏެވެ. އެބައިމީހުންގެ އަނބީންނަކީ (ލޯތައް ބޮޑެތި ކަޅިރަވަ ރީތި ޒުވާން) ޙޫރުލްޢީނުންނެވެ. އެބައިމީހުންގެ އުފެއްދެވުން ވަނީ ފިރިހެނެއްގެ އުފެއްދެވުމެވެ. އެބައިމީހުންގެ ބައްޕަ އާދަމްގެ ސޫރާގައެވެ. މައްޗަށް ފަސްދޮޅަސް މުށެވެ.

އެބައިމީހުންގެ ފައިތިލަތައް ސުވަރުގޭގައި ހަމަ އަޅާއިރަށް ޠާހިރު މަލާއިކަތްބޭކަލުންގެ ޖަމާޢަތްތައް ތަހުނިޔާއާއި ސަލާމާއިގެން އެބައިމީހުންނާއި ބައްދަލުކުރާނެއެވެ. އެބޭކަލުންގެ އިސްކޮށް ސުވަރުގެތަކުގެ މަލާއިކަތާ ރިޟްވާން ހުންނަވާނެއެވެ.

މިއީ އެންމެ ފަހުން ސުވަރުގެ ވަންނަ މީހާގެ ވާހަކައެވެ. އޭނާ މީސްތަކުންނާއި ހަމަކައިރިވާއިރަށް ދުއްރު ޖަވާހިރުން އެކުލެވިގެންވާ ގަނޑުވަރެއް އޭނާއަށްޓަކައި އުފުލޭނެއެވެ. ދެން އޭނާ ސަޖިދައަށް ތިރިވާނެއެވެ. އެހިނދު އޭނާއަށް ބުނެވޭނެއެވެ. ކަލޭގެ ބޯއުފުލާށެވެ! ކަލެއަށް ކިހިނެއްވީހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. އަޅާއަށް އަޅުގެ ރައްބު ފެނުނީއެވެ. އެހިނދު އޭނާއަށް ބުނެވޭނެއެވެ. އޭއީ ހަމަކަށަވަރުން ކަލޭގެ މަންޒިލްތަކުގެ ތެރެއިން މަންޒިލެކެވެ….

ދެން މަލާއިކަތްބޭކަލުން އެންމެ ރިވެތި އަދި އެންމެ ހެޔޮ ހަދިޔާ ބަދިޔާތަކާއިގެން ވަޑައިގަންނަވާނެއެވެ. ﷲ ތަޢާލާ ހުސްޠާހިރުވަންތައެވެ. އެބައިމީހުންގެ ދަރަޖަތައް ހާދަހާވާ ތަފާތެވެ. އަދި އެބައިމީހުންގެ ގަނޑުވަރުތަކުގެ ދެމެދު ހާދަހާވާ ދުރެވެ. ދުނިޔޭގައި އެބައިމީހުންގެ އީމާންކަމުގެ ފުރިހަމަކަމާއި އެތަނުގައި އެބައިމީހުންގެ ހެޔޮޢަމަލުތަކުގެ ގިނަކަމަށް ބިނާވެގެންނެވެ.

ސުވަރުގެ ބިނާކުރެއްވިގެންވަނީ ރަނާއި ރިހީގެ ގަލުންނެވެ. އަދި އެތަނުގައި ބޭނުންކުރެވިފައިވާ އުވައަކީ ގޮމަކަސްތޫރިއެވެ. އަދި އެތަނުގެ ކުދިގަލަކީ މުތީއާއި ޔާގޫތު ޖަވާހިރެވެ. އަދި އެތަނުގެ ވެއްޔަކީ ޒަޢްފަރާނެވެ. އެތަނަށް ވަންނަމީހަކީ ހުސް ނިޢުމަތް ލިބޭނޭ މީހެކެވެ. ދުވަހަކުވެސް ނިޢުމަތް މެދުކެނޑުމެއް ނެތެވެ. އަދި އެތަނަށް ވަންނަ މީހަކީ އަބަދަށްޓަކައި ދެމިހުންނާނޭ މީހެކެވެ. އޭނާ ދުވަހަކުވެސް މަރެއް ނުވާހުއްޓެވެ. އޭނާގެ ފޭރާން ބަލެއް ނުވާހުއްޓެވެ. އަދި އޭނާގެ ޒުވާންކަން ފަނާވެ ނުދާހުށިވެސް މެއެވެ.

ޢަދްނު އެވެ ކިޔޭ ސުވަރުގެއަކީ ﷲ ތަޢާލާ އެއިލާހުގެ އަތްޕުޅުން އުފައްދަވާފައިވާ ތަނެކެވެ. ހުދުކުލައިގެ ދުއްރު ޖަވާހިރުން އެކުލެވިގެންވާ ގަލާއި ރަތްކުލައިގެ ޔާޤޫތު ޖަވާހިރުން އެކުލެވިގެންވާ ގަލެވެ. އަދި ފެހިކުލައިގެ ޒަބަރުޖުދު ޖަވާހިރުން އެކުލެވިގެންވާ ގަލެވެ. އަދި އެތަނުގެ އުވައަކީ ގޮމަކަސްތޫރިއެވެ. އަދި އެތަނުގެ ވިނަ އަކީ ޒަޢްފަރާނެވެ. އަދި އެތަނުގެ ކުދިގަލަކީ މުތީއެވެ. އެތަނުގެ ވެއްޔަކީ މާވަހަރެވެ. ދެން އެތަނަށް އެއިލާހު ވަޙީ ކުރެވިއެވެ. ވާހަކަ ދައްކާށެވެ! އެތަން ދަންނަވާނެއެވެ. ހަމަކަށަވަރުން މުއުމިނުންނަށް ކާމިޔާބު ލިބިއްޖެއެވެ.

ސުވަރުގޭގައި ފޭލިގެތައް ވެއެވެ. އެއިން ފޭލިގެއެއް ގޮނި ތަނަވަސް މުތީއަކުން ތައްޔާރުކުރެއްވިގެންވެއެވެ. އެއިން ފޭލިގެއެއް އުސްކަމުން ފަސްދޮޅަސް މޭލު ދިގުމިނުގައި ހުރެއެވެ. އަދި ފުޅާމިނުގައިވެސް ފަސްދޮޅަސް މޭލު ހުރެއެވެ.

ސުވަރުގޭގައި ބާޒާރެއް ވެއެވެ. ކޮންމެ ހުކުރު ދުވަހަކު މީސްތަކުން އެތަނަށް އަންނާނެއެވެ. ދެން ރީޙުއްޝަމާލް އެވެ ކިޔޭ ވަޔެއް ޖެހި އެބައިމީހުންގެ މޫނުތަކާއި އެބައިމީހުންގެ ފޭރާންތައް ރީތިކޮށްފާނެތެވެ. އެހިނދު އެބައިމީހުންގެ ރީތިކަމާއި ޗާލުކަން އިތުރުވެގެންދާހުއްޓެވެ. ދެން އެބައިމީހުން އެބައިމީހުންގެ އަހުލުވެރިންގެ ކައިރިއަށް އެނބުރި އަންނަހިނދު ފެންނާނީ އެބައިމީހުންގެ ރީތިކަން އިތުރުވެފައިވާ ތަނެވެ. އެބައިމީހުންގެ އަހުލުވެރިން އެބައިމީހުންނަށް ބުނާހުއްޓެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެމެންގެ ކައިރިން ތިޔަބައިމީހުން ދިޔަފަހުން ތިޔަބައިމީހުންނަށް ރީތިކަމާއި ޗާލުކަން އިތުރުވެފައިވެއެވެ. ދެން އެބައިމީހުން ވެސް ބުނާނެއެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެމެން ދިޔަފަހުން ކަލޭމެންގެ ރީތިކަމާއި ފަރިކަންވެސް އިތުރުވެފައިވެއެވެ.

ސުވަރުގޭގައި ކޯރުތައްވެއެވެ. އެންމެހާ ކޯރުތަކުގެ އަޞްލަކީ ހަތަރު ކޯރެކެވެ. އެއީ ފެނުގެ ކޯރަކާއި، ކިރުގެ ކޯރަކާއި، ރަލުގެ ކޯރަކާއި، މާމުއިގެ ކޯރެކެވެ. ކައުޘަރު އެވެ ކިޔުނު އާރަކީ މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ އުންމަތުގެ މީހުންގެ ޙައުޟެވެ. ފަހެ އެއީ ސުވަރުގޭގެ އެންމެ ބޮޑު އަދި އެންމެ ރިވެތި ކޯރުތަކުގެ ތެރެއިން ކޯރެކެވެ.

ސުވަރުގޭގައި ކާތަންތަނާއި ބޯތަންތަންވެސް ވެއެވެ. އެމީހުން އެތަނުގައި ކައި އުޅޭނެއެވެ. ނަމަވެސް ފާޚާނާ ކުރާކަށް ނުޖެހޭނެއެވެ. އަދި އެތަނުގައި އެމީހުން އަޅާނޭ ކުލަކުލައިގެ ގަހަނާތައްވެސްވެއެވެ. އަދި އެމީހުނަށް އަރާމު ސޯފާތަކާއި މަޑުރަޖާތައް ހުއްޓެވެ. އަދި އެމީހުންނާއެކު ޙުރަލްޢީނުން ތިބޭ ހުއްޓެވެ. އެތަނުގައި އެމީހުން މަޖަލުގެ ބަސްތަކުން އުފާކޮށް މަޖާކުރާނެއެވެ. އަދި އެތަނުގެ ސަވާރީތައްވެސް ހުންނާނެއެވެ. ރަތްކުލައިގެ ޔާޤޫތުން އެކުލެވިގެންވާ ސަވާރީތަކެވެ. އެބައިމީހުން ބޭނުން ތަނަކަށް އުދުހިގެން ދާނޭ ވަރަފަޅާފައިވާ ސަވާރީތަކެވެ. އަދި އެތަނުގައި އެމީހުންގެ ނަފްސު އެދުނު ކޮންމެ އެއްޗެއް ހުއްޓެވެ. އަދި އެމީހުން އެދުނު ކޮންމެ އެއްޗެއް އެބައިމީހުންނަށް ލިބޭ ހުއްޓެވެ. އުފާ ފާޅުކޮށްލުމަށްޓަކައި އެއްބަޔަކު އަނެއް ބަޔެއްގެ ކައިރިއަށް ޒިޔާރަތްވެސް ކުރެވޭ ހުއްޓެވެ. އެކަން ބޭނުންވެއްޖެ ކޮންމެ ހިނދަކު އެކެއްގެ ދާން އަނެކެއްގެ ދާން ކައިރިއަށް ގޮސް އެއްދާން އަނެއް ދާނާއި ގާތްވެ ޖަމާވާހުއްޓެވެ.

އެންމެ މާތްކަން ބޮޑު ޒިޔާރަތަކީ މިއީއެވެ. ސުވަރުގޭގެ އަހުލުވެރިން ސުވަރުގޭގައި ދިރިއުޅެން ފަށާހިނދު އެބައިމީހުންގެ ކައިރިއަށް މަލާއިކަތްބޭކަލަކު ވަޑައިގެން ވިދާޅުވާނެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް އެއިލާހުގެ ޙަޟްރަތަށް ޒިޔާރާތްކުރުމަށް އަމުރުކުރެއްވިއެވެ. ދެން އެބައިމީހުން އެކަމަށްޓަކައި ޖަމާވާހުއްޓެވެ. އެހިނދު ﷲ ތަޢާލާ ދާވުދު ޢަލައިހިއްސަލާމަށް އަމުރުކުރައްވާ ހުއްޓެވެ. އެހިނދު ތަސްބީޙައާއި ތަހްލީލުން އެކަލޭގެފާނުގެ އަޑުފުޅު އުފުލިގެން ދާހުއްޓެވެ. ދެން މާއިދަތުލް ޚުލްދު ބެހެއްޓޭ ހުއްޓެވެ. އެހިނދު އެބައިމީހުން ކައިބޮއެ ހަދާނެއެވެ. އަދި ފޭރާންވެސް ލާނެއެވެ. އަދި ބުނާނެއެވެ. ދެން އަހުރެމެންގެ ރައްބު ޢައްޒު ވަޖައްލަ ދުށުން ނޫން އެހެންކަމެއް ދެނެއް ނެތެވެ. އެހިނދު އެއިލާހު އެބައިމީހުންނަށް ފާޅުވެވޮޑިގަންނަވާ ހުއްޓެވެ. ދެން އެބައިމީހުން ސަޖިދައަށް ތިރިވާ ހުއްޓެވެ. އެހިނދު އެބައިމީހުންނަށް ބުނެވޭނެއެވެ. ބަލަ ކަލޭމެން ތިޔަތިބީކީ ޢަމަލްކުރަންޖެހޭ ގޮވައްޗެއްގައެއް ނޫނެވެ. ހަމަކަށަވަރުން ކަލޭމެން ތިޔަތިބީ ލިބުމުގެ ގޮވައްޗެއްގައެވެ.

ސުވަރުގޭގެ އަހުލުވެރީން އެބައިމީހުންގެ ނިޢުމަތްތަކުގެ ތެރޭގައި ވަނިކޮށް އެމީހުންގެ މައްޗަށް އަލިކަމެއް އަރައިގެން ދާހުއްޓެވެ. އެހިނދު އެބައިމީހުންގެ ބޯތައް އުފުލާލާނެއެވެ. އެހިނދު އެބައިމީހުނަށް ފެންނާނީ އެބައިމީހުންގެ މަތީން އެބައިމީހުންގެ ރައްބު ޖައްލަ ޖަލާލުހޫ ވޮޑިގެންވާތަނެވެ. އެހިނދު ވަޙީކުރައްވާ ހުއްޓެވެ. އޭ ސުވަރުގޭގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުންގެ މައްޗަށް އަމާންކަން ހުއްޓެވެ. މިގޮތުގައި އެބައިމީހުން ތިބޭ ޙާލު އެހެން އެއްވެސް ތަނަކަށް ބަލާކަށް ބޭނުމެއް ނުވާހުއްޓެވެ. އެބައިމީހުންގެ ކިބައިން އެއިލާހު ޙިޖާބުވެވޮޑިގެންފުމަށް ދާންދެނެވެ. ދެން އެއަށްފަހު އެބައިމީހުންގެ ކިބައިގައި އެއިލާހުގެ ބަރަކާތާއި ނޫރު ވާހުއްޓެވެ.

ސުވަރުގެއަކީ ﷲ ތަޢާލާ އެއިލާހުގެ ހެޔޮލަފާ އަޅުތަކުންނަށް ތައްޔާރުކުރައްވާފައިވާ ތަނެކެވެ. އެތަނުގައި ހުންނާނީ ދުވަހަކުވެސް ލޮލަކުން ނުދެކޭ ތަކެއްޗެވެ. އަދި ދުވަހަކުވެސް ކަންފަތަކުން އަޑުނާހާ ތަކެއްޗެވެ. އަދި ދުވަހަކުވެސް އިންސާނެއްގެ ހިތަށް އަރާފައިނުވާ ތަކެއްޗެވެ. ސުވަރުގޭގެ އަހުލުވެރިންނަށް ލިބޭ އެންމެ މާތްކަން ބޮޑު ނިޢުމަތަކީ އަބަދަށްޓަކައި އެބައިމީހުންނަށް އެއިލާގެ ރުއްސެވުން ލެއްވުމެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއީ ސުވަރުގެއެވެ. އެތަން ބޭނުންނުވާނީ  ފަހެ ކާކުތޯއެވެ؟ ބޭނުންނަމަ، ﷲ އެއްކައުވަންތަ ކުރައްވާށެވެ! ތަވްޙީދު ކުރައްވާށެވެ! އެއްވެސް ނަމާދެއް ވައްޓަވާނުލައްވައި ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާ ކުރައްވާށެވެ! ޒަކާތް ދެއްވަވާށެވެ! ރޯދަހިއްޕަވާށެވެ! ޙައްޖުވެވަޑައިގަންނަވާށެވެ! އެންމެހާ ހެޔޮ ޢަމަލްތައް ކުރައްވާށެވެ! އަދި މި އެންމެހާ ހެޔޮކަން ބާޠިލް ކުރުވަނިވި ޝިރްކާއި އެންމެހާ ނުބައި ޢަމަލްތަކުން ދުރުހެލިވެ ވަޑައިގަންނަވާށެވެ! ތަވްޙީދުގެ ކަލިމައިގެ މަތީގައި މަރުގަންނަވާށެވެ! ﷲ ތަޢާލާ އަޅުގަނޑުމެން ނަރަކައިން މުއްތި ކުރައްވަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ!

މިލިޔުން ނަގާފައި މިވަނީ raajjeislam.com މި ސައިޓުންނެވެ.

އިސްތިހާރު

މޭ 12, 2009 - Posted by | ދީނީލިޔުން

No comments yet.

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: